ޙައްޖު ޢުމްރާގެ ޙުކުމް އަދި އޭގެ ދަލީލު
ހުރިހާ މުސްލިމުންގެ އިއްތިފާޤުން ޙައްޖަކީ ފަރުޟެކެވެ. އަދި އެއީ އިސްލާމްދިނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެއްވެސް މުސްލިމަކު މިކަމާ ޚިލާފުވެފައެއް ނުވެއެވެ. ދަލީލަކީ: ޤުރުއާނާއި ސުންނަތެވެ. އަދި އިޖުމާޢު އެވެ.
ކީރިޤުރުއާނުގެ ދަލީލަކީ:
ގައިވާ ﷲގެ ވަޙީބަސްފުޅެވެ. (إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكاً وَهُدًى لِّلْعَالَمِينَ* فِيهِ آيَاتٌ بَيِّـنَاتٌ مَّقَامُ إِبْرَاهِيمَ وَمَن دَخَلَهُ كَانَ آمِناً وَلِلّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً وَمَن كَفَرَ فَإِنَّ الله غَنِيٌّ عَنِ الْعَالَمِينَ.)([1]) މާނައީ: ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ. ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. އިބްރާހީމްގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ ޙަރަމްފުޅަށް) ވަދެއްޖެ މީހާއީ، އަމާންކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަޞްދު ކޮށްގެންދިއުމީ، (އެބަހީ: ޙައްޖުވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބު އެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެންމެހާ ޢާލަމްތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.
ރަސޫލުﷲ صلى الله عليه وسلمގެ ސުންނަތުން ދަލީލަކީ أبو هريرة رضي الله عنه އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.“ “بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ البَيْتِ، وَصَوْمِ رَمضانَ”.([2]) މާނައީ: [މާތް اللَّهُ، އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން (ޢަބްދު اللَّهِ)ގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. {އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. (އެއީ) ހަމަކަށަވަރުން، اللَّهُ މެނުވީ އަޅުކަމެއްކުރުން ޙައްޤުވެގެންވާ އިލާހަކު ނުވާކަމަށާއި، އަދި ހަމަކަށަވަރުން، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ކަޢުބަތު اللَّهِގެފުޅަށް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަހިފުމެވެ.}]
އިޖްމާއުގެ ދަލީލަކީ:
އުއްމަތުގެ އެއްވެސް ޢިލްމުވެރިޔަކު ޚިލާފުވުމެއްނެތި އެއްބަސްވެލައްވާފައިވަނީ އެއީ ފަރުޟެއް ކަމަށެވެ. އެއަށް އިންކާރު ކުރާމީހާއަކީ ކާފަރެއްކަމަށް ޙުކުމް ކުރައްވާފައިވެއެވެ. އެހެނީ އެއީ ކީރިތި ޤުރުއާނާއި ރަސޫލުﷲ صلى الله عليه وسلمގެ ސުންނަތާއި އިޖުމާޢަށް އިންކާރު ކުރުމެވެ.
ޢުމްރާގެ ޙުކުމް އަދި އޭގެ ދަލީލު
الإمام الشافعي رحمه الله تعالى ގެ ފާޅުކަންބޮޑު ބަސްފުޅުގައި ވިދާޅުވެފައިވަނީ ޢުމްރާއަކީ ޙައްޖުފަދަ ފަރުޟެކެވެ. އޭގެ ދަލީލު ގެންނަވާފައިވަނީ ޤުރުއާނާއި ސުންނަތުންނެވެ.
ކީރިތި ޤުރުއާނުގެ ދަލީލަކީ: (وَأَتِمُّواْ الْحَجَّ وَالْعُمْرَةَ لِلّهِ )([3])
ސުންނަތުން ދަލީލަކީ: عائشة رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ.އަންހެނުންނަށް ޖިހާދުވޭތޯއެވެ؟” އެކަލޭގެފާނު ޙަދީޘުކުރެވިއެވެ. “އާއެކެވެ! އޭގައި ހަނގުރާމައެއް ނުވާ ޖިހާދެކެވެ.އެއީ ޙައްޖާއި ޢުމްރާއެވެ.”
[1] سورة آل عمران ( 96 ـ 97 )
[2] (مُتَّفَقٌ عَلَيهِ)
[3] سورة البقرة: 196: